ފުރަތަމަ ބުރުން ރައީސް ވަހީދު %80 އިން ހޮވޭނެ – އައްބާސް

ޕެރަޑައިސް އައިލޭންޑު ރިސޯޓުގައި މީގެކުރިން ބޭއްވި ވާރލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ - ފޮޓޯ: ރައީސް އޮފީސް
 • ޕެރަޑައިސް އައިލޭންޑު ރިސޯޓުގައި މީގެކުރިން ބޭއްވި ވާރލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ - ފޮޓޯ: ރައީސް އޮފީސް

މިހާރު އޮތް 8 ޕާޓީގެ ކޯލިޝަން ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ފުރަތަމަ ބުރުން ވެސް ގާތް ގަނޑަކަށް 80 ޕަސަންޓުން ހޮވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އައްބާސް އާދިލް ރިޒާ ވިދާޅުވީ 7 ފެބްރުއަރީ އަށްފަހު ރާއްޖޭގައި އޮތީ ދެބައި ކަމަށާއި އެއް ބަޔަކީ ގައުމު ހަލާކު ކުރާ މީހުންނާއި ދުރަށް ދިއުމާއި ގައުމު ހަލާކުކުރާ މީހުން ކަމަށެވެ.

“އަޅުގަނޑުމެން ނެތީމު ހުޅުޖެހި މީހުންނާއި އެއްބައިވާކަށް، އަޅުގަނޑުމެންނެއް ނެތީމު ގައުމުގައި މާރާމާރީ ހިންގާ މީހުންނާއި އެއްބައިވާކަށް، އަޅުގަނޑުމެންނެއް ނެތީމު މިގައުމު އަލުން ހަމަނުޖެހުމަކަށް ދުއްވާލާކަށް، އަޅުގަނޑުމެން ނެތީމު މިގައުމު ދެކުނު އިންޑިއާއަށް ޕްލަގިން ކުރާކަށެއް، އަޅުގަނޑުމެން ނެތިން މިގައުމު ނުއަގުގައި ވިއްކާލާކަށް،” އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މިގައުމުގައި ތިން ފަރާތެއް ނެތް ކަމަށާއި އޮތީ ދެފަރާތް ކަމަށެވެ. އެއީ ގައުމު ހަލާކުކޮށް ސުންނާފަތި ކުރާ ބަޔަކާއި މިގައުމު ސުންނާފަތި ކުރިޔަ ނުދޭން އުޅޭ ބައެއް ކަމަށެވެ. އަދި އެބޭފުޅުން ތިބީ އެކަން ކުރިއަ ނުދޭން ތިބި ބައިގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ރަން ޒަމާން ކަމަށްވާ 2008 ވަނަ އަހަރުގައި އަނިޔާވެރިކަމޭ ހުދުމުހުތާރޭ ކިޔައިގެން ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 23 ޕަސަންޓު ކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ މިއަދު އެއަށް ވުރެ ގިނަ ވޯޓު ނުލިބޭނެ ކަމަށެވެ. އަދި 2008 ވަނަ އަހަރު ވެސް ތިބި މީހުން އެމްޑީޕީގައި މިހާރު ތިބިއިރު އާ މީހަކު ނުވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“2008 ވަނަ އަހަރު އެމްޑީޕީގެ ރަން ޒަމާނުގައި، އޭރުގައި އަނިޔާވެރިކަމާއި ހުދުމުހުތާރާއި، ބަދަލާއި މިހުރިހާ އެއްޗެއް ކައްކައިގެން އެބޭފުޅުންނަށް ލިބުނީ 23 ޕަސަންޓު، އެހެންވީމަ މި ދިވެހި ރާއްޖެއަކުންނެއް 23 ޕަސަންޓަށް ވުރެ އިތުރަށް އެމްޑީޕީއަށް ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ،” އައްބާސް ވިދާޅުވި އެވެ.

“އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިއަދުވެސް ޕީޕީއެމް ވެސް އެހެން ޕާޓީތައް ވެސް އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޒައާމަތުގައި އިތުރު ފަސް އަހަރު ތިބުމަށް، މިއަދު މި އޮތް ހަމަ 8 ޕާޓީގެ ކޯލިޝަން އިންތިހާބުގައި އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމަ ފުރަތަމަ ބުރުން ވެސް ގާތް ގަނޑަކަށް 80 ޕަސަންޓުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހޮވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާން.” އޭނާ އިތުރަށް ވިދާޅުވި އެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ސަލީމް ވިދާޅުވީ ޕީޕީއެމް އާއި އެމްޑީޕީ އާއި އެކީގައި ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ފެނިފައިނުވާ ކަމަށާއި ޑީއާރުޕީން ގަބޫލުކުރާ ގޮތުގައި އެހެން ވެރިކަމެއް ފެންނަން ޖެހޭ ކަމަށެވެ.

ރައީސް ވަހީދާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތައް ކަމަށްވާ ގައުމީ އިއްތިހާދުގެ އިތުރުން ޑީއާރުޕީ އާއި ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު އެއްކޮށްލުމުން 44،000 އަށް އަރާކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ ޕީޕީއެމްގައި މިވަގުތު ތިބީ 18،000 ނުވަތަ 19،000 މީހުން ކަމަށާއި ޕީޕީއެމްގެ ޕްރައިމަރީގައި 35،000 މީހުން ވޯޓުނުލާކަން ވެސް އެނގިފައިވާ ކަމަށެވެ.

ސަލީމް މިހެން ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން ޕީޕީއެމްގައި މިވަގުތު ތިބީ 22،000 އަށް ވުރެ ގިނަ މެންބަރުންނެވެ. އަދި ޕީޕީއެމްއަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.

އަދި ޕީޕީއެމް ޕްރައިމަރީގައި 35،000 މީހުން ވޯޓުނުލާކަން އެނގިފައިވާ ކަމަށް ސަލީމް ވިދާޅުވިޔަސް ޕްރައިމަރީގައި އެ އަދަދަށް ވޯޓުލީ ވާހަކަ ޕީޕީއެމްއިން ބުނެފައިނުވާ ކަން ފާހަގަކޮށްލެވޭއިރު އެޕާޓީން ބުނެފައިވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލެވޭ އަދަދަކީ 31،000 މެންބަރުން ކަމަށެވެ.

“ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް، މިހާރު މި ފެންނަ ކޯލިޝަނަށްވުރެ މެންބަރުންގެ ގޮތުން ވެސް ވަރުގަދަ އަދަދުގެ ގޮތުން ވެސް ބޮޑު ބައެއް، މިފަރާތުގެ ފަޅިއަކު ވާދަކުރާކަށް ނެތޭ، އަޅުގަނޑުމެން ވާދަކުރަންޖެހޭނީ ހަމަ އެމްޑީޕީ އާއޭ، ޕީޕީއެމްއަކީ ދެން މިހާރު ވާދަކުރަންޖެހޭ ވަރުގެ ޕާޓީއެއް ކަމަކަށެއް، މި ކޯލިޝަންގެ މިހާރު އޮތް ސްޓްރެންތަށް ބަލާއިރު ގަބޫލެއް ނުކުރަމޭ.” އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ގޮސްފިނަމަ ކޯލިޝަނާއި އެކު ދެވަނަ ބުރަށް ދާނީ އެމްޑީޕީ ކަމަށާއި އެމްޑީޕީއަށް ވުރެ ގިނައިން އިންތިހާބުގައި ކޯލިޝަނުން ވޯޓު ހޯދާނެ ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ މިހާރުގެ ސަރުކާރު ހިނގަމުން މިދަނީ 8 ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ވެސް މި 8 ޕާޓީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ތާއީދުކުރައްވާ މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބަށް ރައީސް ވަހީދު ހައްދަވާފައިވާ ކޯލިޝަނަކީ ސިޔާސީ ޕާޓީގެ ދަފްތަރަށް ބަލާއިރު އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ވެސް ރައީސް ވަހީދަށް ތާއީދުކުރައްވާ ކޯލިޝަން ތެރޭގައި ހިމެނޭނެ ކަމަށް އުންމީދު ކަނޑާނުލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޚިޔާލު

4 ޚިޔާލު

 1. ާއަލީ ހަނީފު says:

  ހުރިހާ ޕާޓީ ތަކުގެ ލީޑަރުން ވަކިވަކީން ރިޔާސީ އިންތިޚާބަށް ކުރިމަތިލީ ނަމަ މާ ރަގަޅުވީސް. އޭރުން އަހަރުމެން ރައިއްޔަތުން ސީދާ ވޯޓުން ރިޔާސީ ރޭހުން އެކެއް ދޭއް ހޮވާނަން. އޭރުން އެބަޔެއްގެ ފަހަތަށް ދެންތިބި މީހުންވަނީމާ ނިމުނީ. މިހާރު މިވާގޮތުން އަހަރުމެން އެކެއް ދޭން ހޮވަން ހޮވަންޖެހޭ ލިސްޓް ހަނިވަމުން ދަނީ. ހިތައް އަރާ ކީއްކުރަން ހަދައިގެން އުޅޭ ޕާޓީ ތަކެއްބާވަޔޭ؟ ރިޔާސީ އިންތިޚާބަށް ކުރިމަތިލާނަމޭ ކިޔައިގެން ދެއްކީ ކީއްކުރަންބާވަޔޭ؟ ވައުދު ތަކުގައި ބުނަނީ ތިމަންނަމެންނަށް ވެރިކަމެއް ލިބިއްޖެނަމަ މިވެނިހެންނޭ.. މިހެން ބަސްބުނެފަ މިހާރު ކުރިމަތި ނުލާނަމޯ! މީ ދޯ ފެންވަރު؟

  (13)(0)
 2. ދަރިއެއް says:

  މަނިކުފާނަށް ލިބޭނީ 08 ޕަސަންޓު

  (15)(1)
 3. އޭޝް says:

  އައްބާސް ތިގެންގުޅޭ ކަހަލަ ޕަސެންޓް ބަލާ މެޝިނެއް އަހަރެންނަށް ލިބޭނެނަމައޭ ހިތައްއަރާ

  (11)(0)
 4. މޫސަ says:

  ހޯރަފުށީ ސަލީމް ޖެހޭނީ މަހަށް ދާން. ދުވަހަކު ވެސް އިންތިހާބެއް ކާމިޔާބުވީ މީހެއްނޫން. މޮޅު ވާހަކަ ދައްކަން. ގޮތް ދޫނުކުރަން. ހަމަ ޅިޔަނު ތަސްމީނުގެ މުނާފިގު ގޮތްދޫނުކުރާ ޒާތީ ސިޔާސަތު ތި ގެންގުޅެނީ. ޑީއާރުޕީ ޕްރައިމަރީ ބޭއްވިނަމަ 4ހާސް މީހުން ވެސް ވޯޓު ނުލާނެކަން މަށަށް ހަމަ ކަށަވަރު.

  (11)(0)